ރައްޔިތުންނަށް ގެއްލުންވާނެ ފަދަ ގޮތަކަށް ސަރުކާރުގެ އެއްވެސް ސިޔާސަތެއް ބައްޓަން ނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ވ. ރަކީދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވަމުންނެވެ.
ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު ހެނދުނު، ވ. ރަކީދޫ ބަނދަރު ސަރަޙައްދުގައި ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި، ވ. ރަކީދޫގެ ރައްޔިތުންގެ އާންމު އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސް ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވ. ރަކީދޫގެ ރައްޔިތުން ވަނީ، އެހެން ރަށަކަށް އާބާދީ ބަދަލުވުމަށް އެދޭކަން ހާމަކުރައްވާފައެވެ. ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިކަމުގައި ގޮތެއް ނިންމަވާނީ، ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެންކަމަށެވެ. އަދި އެގޮތަކީ، ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް ވާންޖެހޭނެކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެވ. ރަކީދޫއަކީ ރަށު ފަތުރުވެރިކަން ތަރައްޤީވެ، ކުރިއަރަމުން އަންނަ ރަށަކަށް ވާއިރު، އާބާދީއާ ތަރައްޤީ އެއްފަސްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، މިކަމަށްވެސް ސަރުކާރުން ރިޢާޔަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ، ވ. ރަކީދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމްގެ ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މިއާއެކު، ފެލިދެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީ.އެމް.އެލްގެ އޭ.ޓީ.އެމް ޚިދުމަތް މިވަނީ ރަސްމީކޮށް ދެވެން ފެށިފައެވެ.



