ހޮނިހިރު ދުވަހުގެރޭ ދަންވަރު 3:30 ހާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް އަދި ހިޔާގެ ބައެއް ޓަވަރުތަކުންނާއި، އެމްޕީއެލް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާރގެ ބައެއް އޮފްވެގެން ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
ރޭ ދަންވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ ސަބަބުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯއިން ބުނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާރގެ ބައެއް އޮފްވެގެން ކަމަށާއި މެދުކެނޑުނު ކަރަންޓުގެ ހިދުމަތް އަނބުރާ ދެވިފައިވަނީ ފަތިހު 4:56 ހާއިރު ކަމަށެވެ.
”މިދެންނެވި ސަބްސްޓޭޝަނަށް ގެއްލުންދިން މައްސަލަ ކަމާ ބެހޭ ފަރާތަށް ހުށައަޅާ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މިކުންފުނިންދަނީ މަސައްކަތްކުރަމުން“ ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެއިތުރުން ސްޓެލްކޯއިން ބުނީ، މުޖުތަމަޢުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ، އަދި އަމިއްލަ ފުރާނައަށްވެސް ނުރައްކާތެރި މިފަދަ އަމަލުތައް ހިންގާ ފަރާތްތަށް ހުއްޓުވުމަށާއި، ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާ ކުރަމުން ގެންދިއުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ.




