ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ފ. މަގޫދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
މަގޫދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަގޫދޫއަށް ވަޑައިގެން އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި މަގޫދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ހޯމް މިނިސްޓަރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރެވެ.
ނޮވެމްބަރު 17، 2023 ވަނަ އަހަރު ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ފުލުހުންގެ ހިދުމަތް ގާއިމްނުކުރެވި 72 ރަށެއް އޮތެވެ. މި ރަށްތަކުގައި ފުލުހުންގެ މަރުކަޒު ނުވަތަ ޕޯސްޓެއް ވެސް ނެތްކަން ފާހަގަކުރެވެއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ގާއިމުކުރުމަށް އިސްކަންދީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައެވެ.



