ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ބީޖިންގް ކެޕިޓަލް އެއާލައިންސަށް ހިދުމަތް ދޭން ފަށައިފިއެވެ.
މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިނެވެ. އަދި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފަސްވަނަ އެއާލައިނެވެ.
ޓާމިނަލް 1 އިން ބޭޖިންގް ކެޕިޓަލް އެއާލައިންސަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އާދިލް މޫސާއެވެ.

ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ވޮޔޭޖަސް މޯލްޑިވްސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒު މަންސޫރާއި އެމްއޭސީއެލްގެ ސީނިއާ މެނޭޖުމަންޓާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބީޖިންގް ކެޕިޓަލް އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 248 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބީޖިންގް ކެޕިޓަލް އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، ޖޭޑީ455-6 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 276 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ބީޖިންގް ކެޕިޓަލް އެއާލައިންސަކީ ބީޖިންގް ޑެޒިންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުވެފައި އޮންނަ ލޯ-ކޯސްޓް އެއާލައިންއެކެވެ.
ވީއައިއޭގެ ޓާމިނަލް 1 އިން މިހާރު ދަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން، އެއާ އަރަބިއާ، ލަގްޒަރީ އެއާލައިން، ބިއޯންޑް، ސްރީ ލަންކާގެ ލޯ-ކޯސްޓް އެއާލައިން، ފިޓްސް އެއާއަށް ހިދުމަތް ދެމުންނެވެ. އަދި މި ހަފުތާގެ ތެރޭގައި އިތުރު ދެ އެއާލައިނެއް ބަދަލުކުރަން ވަނީ ނިންމައިފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.



