މިރެއިން ފެށިގެން ހުޅުމާލެ ފޭސް 2ގެ ހިޔާ ޓަވަރު 16ގައި ހުންނަ ހޮސްޕިޓަލް ކްލިނިކުން 24 ގަޑިއިރު ހިދުމަތްދޭން ފަށާނެ ކަމުގައި މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުލްރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް 2 ގައި ޤާއިމްކުރެވިފައިވާ ހުޅުމާލެ ހޮސްޕިޓަލްްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން 24 ގަޑިއިރު ޚިދުމަތްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މިކަމާ ގުޅޭގޮތުން ”އެކްސް“ ގައި ހަލީމް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސްގެ ނިންމެވުމާ އެއްގޮތަަށް، މިރެއިން ފެށިގެން ހުޅުމާލެ ފޭސް 2ގެ ހިޔާ ޓަވަރު 16ގައި ހުންނަ ހޮސްޕިޓަލް ކްލިނިކުން 24 ގަޑިއިރު ހިދުމަތްދޭން ފަށާނެ ކަމަށެވެ.

ރައީސް މުޢިއްޒުގެ ޤައުމީ ސިޔާސަތާ އެއްގޮތަށް ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ކުރިން އެންމެ ޝިފްޓެއްގައި ހިންގަމުންދިޔަ އެ ކްލިނިކް، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ދެ ޝިފްޓަށް ފުޅާކުރިކަން ފާހަގަ ކުރައްވާ ހަލީމް ވިދާޅުވީ، މިރެއިން ފެށިގެން އެ ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު 24 ގަޑިއިރު ހިދުމަތް ލިބޭނެެ ކަމަށެވެ.

”މި ކަމުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅުއްވާ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ. މި ފިޔަވަޅުގެ ސަބަބުން މި ސަރަޙައްދުގެ ކޮންމެ ޢާއިލާއަކަށްވެސް އުންމީދާއި، ހިތްހަމަޖެހުމާއި، އިތުބާރުހުރި ޞިއްޙީ ފަރުވާ ގާތުން ލިބިގެންދާނެ“ މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވިއެވެ.




