މުޅި ރާއްޖެ ޑިޖިޓަލައިޒްކުރަން ސަރުކާރުން ހިންގާ ”މޯލްޑިވްސް 2.0“ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓްގައި އިސްކަން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. މުލަކަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ސަރުކާރުން ހުށަހަޅަނީ، 2026 ވަނަ އަހަރާއި 2027 ވަނަ އަހަރާއި 2028 ވަނަ އަހަރުގެ ދެތިން މަސް ހިމެނޭ ގޮތަށް، މުޅި ރާއްޖޭގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން، ބައިވެރިވެގެން ކުރަންޖެހޭ ބޮޑު މަސައްކަތެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
ތަރައްޤީގެ ވާހަކަތައް ކުރިއަށްދާންޖެހޭނީ ދެފުށްފެންނަ ގޮތަކަށް، ރައްޔިތުންގެ ބައިވެރިވުމާއެކުގައިކަން ފާހަގަކުރައްވައި، 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގައިވެސް، ސީދާގޮތުންނާއި، ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް، ރައްޔިތުން ޝާމިލުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ޕްލޭންގައި އެކުލެވެނީ ރައްޔިތުން ބޭނުންވާ ތަރައްޤީކަން ކަށަވަރުކުރެއްވުމަށް، ޓީމްތައް ރަށްރަށަށް ގޮސް، ޚިޔާލާއި މަޝްވަރާ ހޯއްދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީވެސް، އަންނަ ކޮންމެ ސިޔާސީ ބަދަލަކާ ގުޅިގެން ތަރައްޤީ އެކޮޅުކޮޅުން ޖެހުނަ ނުދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން ކަށަވަރުކުރެއްވުމަށް، 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭނާ ގުޅޭ ޤާނޫނެއްވެސް އެކުލަވާލައްވަމުން ގެންދަވާކަން އެމަނިކުފާނު މިރޭ ހާމަކުރެއްވިއެވެ.
މި ސަރުކާރުގެ އަމާޒަކީ، ވަށާޖެހޭ ތަރައްޤީ އާއި ހަމަޖެހުން، ދިވެހިރާއްޖޭގައި ޤާއިމުކުރެއްވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



