ބޮޑު ހަރަދަކާއެކު ބަނދެ، މި އަހަރުގެ ކުރީކޮޅު ދުއްވަން ފެށި ހއ. ދިއްދޫގެ މުދާ އުފުލާ ބޮޑު ބޯޓު ”މެގަ ހޯރަ“ ފަރަށް އެރުމާ ގުޅިގެން މިއަދު ފުންކޮށްފިއެވެ.
މާލެއިން ފުރައިގެން ދިއްދޫއަށް ދަތުރުކުރަމުންދިޔަ އެ ބޯޓެއް ރޭގެ ވަގުތެއްގައި ވަނީ ނ. ވަވަތިކުރޮޅި ފަރަށް އަރާފައެވެ.
މުޅިއަކު 98 ފޫޓުގެ އެ ބޯޓުން 61 މީހުން ދަތުރުކުރި ކަމުގައި އެމްއެންޑީއެފް އިން މިއަދު ހެނދުނު ބުނެފައިވެއެވެ. އަދި އެ ސަރަހައްދުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗެއް ޑައިވަރުންނާ އެކު އެ ސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވަމުންދާ އިރު، ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމުގައި ވެސް ބުންޏެވެ.
މި ހާދިސާގެ އަދާހަމައެއް ދެމުން އެމްއެންޑީއެފްއިން ބުނީ، ދިޔަވަރު ބޮޑުވުމާ ގުޅިގެން، ”މެގަ ހޯރަ“ ބޯޓު އެހެން ދެ އުޅަނދެއްގައި ކަފުޖަހައިގެން މިއަދު 09:35 ހާއިރު ފުންކޮށްފައިވާ ކަމަށެވެ.




