މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން، 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މުދާ ކްލިއަރ ކުރެވުނު އަދަދު ޖުލައި މަހާއި އަޅާބާލާއިރު، އިތުުރުކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން އެމްޕީއެލްއިން ޖުލައި މަހު 6،320 ޓީ.އީ.ޔޫސް (ޓްވެންޓީ-ފޫޓް އިކުއިވަލަންޓް ޔުނިޓްސް) ކްލިއަރ ކޮށްފައިވާއިރު، އޮގަސްޓް 2025 ގައި ވަނީ ޖުމްލަ 6،663 ޓީ.އީ.ޔޫސް ކްލިއަރކޮށްފައެވެ. މިއީ ޖުލައި މަހު ކްލިއަރ ކުރެވުނު މުދަލުގެ އަދަދާއި އަޅާބަލާއިރު، 5 އިންސައްތަ އިތުރު އަދަދެކެވެ.
އެގޮތުން އޮގަސްޓް މަހުގެ ތެރޭގައި ކްލިއަރކުރެވުނު މުދަލުގެ ތެރޭގައި 20 ފޫޓުގެ 2،607 ކޮންޓެއިނަރާއި، 40 ފޫޓުގެ 2،028 ކޮންޓެއިނަރު ހިމެނެއެވެ. މި މުއްދަތުގައި އެމް.ޕީ.އެލްގެ ބަނދަރުގެ ޚިދުމަތް ހޯދި އުޅަނދުފަހަރުގެ ތެރޭގައި 20 ކޮންވެންޝަނަލް އުޅަނދާއި 14 ކޮންޓެއިނަރު ބޯޓު ހިމެނެއެވެ.
އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް މުދަލުގެ ތެރެއިން އެންމެ ގިނައިން އޯގަސްޓް މަހު ކްލިއަރކުރެވިފައިވަނީ ބިހެވެ.
އެގޮތުން 71،037 ކޭސް ބިސް ކްލިއަރ ކުރެވިފައިވެއެވެ. އަދި 55،581 ބަސްތާ ފިޔާ، 31،966 ބަސްތާ ކަރާ، 24،225 ބަސްތާ އަލުވި، 16،918 ބަސްތާ ޓޮމާޓޯ، 12،384 ބަސްތާ އަލަނާސި، 12،400 ބަސްތާ ކެބެޖް، 10،949 ގަނޑު ދޮންކެޔޮ، 3،687 ބަސްތާ ފޮނި ކެކުރި އަދި 5،583 ބަސްތާ ބަރަބޯ ޖެނެރަލް ކާގޯގެ ގޮތުގައި ކްލިއަރކުރެވިފައިވެއެވެ.
މި ތަފާސް ހިސާބުތަކުން ދައްކުވައިދެނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަސާސީ ބޭނުންތަކުގެ ތަކެތި ފޯރުކޮށްދިނުމުގައި އެމް.ޕީ.އެލްގެ ބަނދަރުން އަދާކުރާ އިސް ދައުރާއި، ޚިދުމަތުގެ ފެންވަރެވެ.



