ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް މިއަދު އުފައްދަވައިފިއެވެ.
ކެބިނެޓް މިނިސްޓަރުންގެ ލަފާފުޅާއެކު، މި ކައުންސިލް އުފައްދަވާފައިވަނީ، ”މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން“ ތަސައްވުރު ގާއިމުކުރެއްވުމާ ގުޅޭގޮތުން ތައްޔާރުކުރައްވާފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރެއްވުމުގެ މަސައްކަތްތައް ފަހިކޮށްދެއްވައި، ލަފާދެއްވައި، އެ މަސައްކަތްތައް ބެލެހެއްޓެވުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ޚުދު ރައީސުލްޖުމްހޫރިއްޔާއެވެ.
މޯލްޑިވްސް 2.0 އަކީ، ޑިޖިޓަލް ދާއިރާއިން، ދިވެހިރާއްޖެއަށް އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައި، ރައީސް މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.
މި ބަދަލުތަކުގެ ތެރެއިން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ދެފުށްފެންނަ، ހަލުވި އަދި ރައްކާތެރި ޚިދުމަތްތަކަކަށް ހަދައި، ދައުލަތުގެ ޚިދުމަތްތަކާއި މުއައްސަސާތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރެވިގެންދާނެއެވެ.




