މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ކޯޕަރޭޓް މެގަޒިން ”އުޅަނދު ޖާރނަލް“ ލޯންޗުކޮށްފިއެވެ.
އެމްޕީއެލް އިން މިއަދު ބުނީ މެރިޓައިމް ދާއިރާއަށް ޚާއްސަކޮށްގެން އެ ކުންފުނިން ޝާއިއުކުރާ ކޯޕަރޭޓް މަޖައްލާ ކަމަށްވާ ”އުޅަނދު ޖާރނަލް“ގެ ފުރަތަމަ އަދަދު ލޯންޗްކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ ކަމަށެވެ.
އެ މަޖައްލާ ލޯންޗްކުރީ އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެންވޭރު ދަނޑުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެެވެ.
މި މަޖައްލާ ލޯންޗްކޮށްދެއްވީ އެމްޕީއެލްގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރ އަބްދުالله ކަމާލުއްދީނެވެ.
އެމްޕީއެލް އިން ބުނީ އެ މަޖައްލާގައި ލިޔުންތެރިންގެ ގޮތުގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން، މެރިޓައިމް ދާއިރާގެ ތަޖުރިބާކާރުންނާއި އެ ދާއިރާއާ ގުޅުންހުރި ސަރުކާރުގެ އެކި މުޢައްސާތަކަށް ނިސްބަތްވާ ބައެއް ބޭފުޅުން ހިމެނޭ ކަމަށެވެ.
އެގޮތުން އެ ބޭފުޅުންގެ އާޓިކަލްތައް ޝާޢިއުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އޭގެ ތެރޭގައި (މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ) އެމް.އެސް.އެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަޙްމަދު ޒުބެއިރާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ހެޑް އޮފް ސްޓްރެޓީޖިކް މެނޭޖްމަންޓް ސުޕަރއިންޓެންޑަންޓް، ފާތިމަތު ޝިފްޒާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީސްގެ ހެޑް، ކެޕްޓަން މުޙައްމަދު ޒައިދު އާއި މޯލްޑިިވްސް ޕޮލިސް ސަރވިސްގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް، ހުސެއިން ފިރާޒް އަދި ކޯސްޓް ގާޑްގެ ޓްރެއިނިންގ އެންޑް ރިސާރޗް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ، ލެފްޓިނެންޓް ކާނަލް އަހްމަދު ސިޔާމްގެ ލިޔުންތައް މި ފަހަރުގެ ”އުޅަނދު ޖާރނަލް“ގައި
ޝާޢިއުކޮށްފައި ވާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
”އެ ޖަރނަލްގެ ފުރަތަމަ އެޑިޝަންގައި ޝާއިޢުކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި މެރިޓައިމް ދާއިރާގައި ފާހަގަކޮށްލެވޭ އިސް ފަރާތްތަކާއި ގުޅޭ ފީޗަރއަކާއި، އެމްޕީއެލްގެ ތާރީހާއި ތަރައްގީ، ސީ-ޓު -އެއަރ ޓްރާންސިޕްމަންޓް ކާގޯގެ ޚިދުމަތް، ރާއްޖޭގެ މެރިޓައިމް ދާއިރާއަށް ލިބެމުންދާ ކުރިއެރުންތައް، ތިލަފުށި ޕޯޓްް މަޝްރޫޢު، ޕޯޓް އޮޕަރޭޝަންސް، ޓެކްނޮލޮޖީ އަދި މެރިޓައިމް ދާއިރާގައި ހުރި ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތަކާ ގުޅޭ ރިޕޯޓްތައް ހިމެނޭ“ އެމްޕީއެލް އިން ބުނެފައި ވެއެވެ.
އެމްޕީއެލްގެ ”އުޅަނދު މަޖައްލާ“ އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ވާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.



