ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މުލަކައަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިއްގަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
މިމަޝްރޫޢުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. އެމްޓީސީސީގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަހުމަދު ސައުދީއެވެ.
ދިއްގަރުގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 105.1 މިލިޔަން ރުފިޔާއަށެވެ.
މީގެ އިތުރުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.



