މ. ނާލާފުށީގެ ބިންހިއްކާއިރު މިހާރުގެ ރަށުގެ ސައިޒަށްވުރެ އިތުރަށް، ފަނަރަ ހެކްޓަރުގެ ބިން ހިއްކައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. ނާލާފުއްޓަށް މިއަދު ހަވީރު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅުގައި، ނާލާފުށީގައި ބަނދަރުބޮޑުކުރުމާއި ބިންހިއްކުމާއި ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންދާނީ އެއް ކުންފުންޏަކުންކަން ފާހަގަކުރައްވައި ވިދާޅުވީ، ބަނދަރުބޮޑުކުރުމާއި ބިންހިއްކުމުގެ މަސައްކަތް ޢަމަލީގޮތުން މި އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި ފެށޭނެކަން ހާމަކުރެއްވިއެވެ.
ދިރާސީ އާ އަހަރަށް ނާލާފުށީ ސްކޫލްގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރުކުރުމާއި ފުޓްސަލް ދަނޑެއް ހެދުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
އެމަނިކުފާނު ވަނީ ނާލާފުށީގެ ރައްޔިތުންގެ ތަރަޤީއަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތައް ރައްޔިތުން އުއްމީދުކުރާވަރަށް، ފުރިހަމަކަމާއި އެކީ ޙާސިލްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެ ރަސްމިއްޔާތުގައި މ. ނާލާފުށި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި، އެރަށުގެ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ދެމެދު ވަނީ ސޮއިކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން، މ. ނާލާފުށީގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ވަނީ ރަސްމީކޮށް އިފްތިތާޙް ކުރައްވާފައެވެ.
އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިންގާ އެޅުމުގެ މަޝްރޫޢާއި، ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ މަޝްރޫޢުގެ އިތުރުން، އައު ކައުންސިލް އިދާރާގެ އިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ.




