ރައީސް އޮފީހުގެ ޔޫޓިއުބް ޗެނެލް ހެކްވެ، އެ އެޕްލިކޭޝަނުން ވެސް މިހާރު ގެއްލިއްޖެއެވެ.
އެނގިފައިވާ ގޮތުގައި، ރޭ ދަންވަރު ރައީސް އޮފީހުގެ ޔޫޓިއުބް ޗެނެލުން ފެންނަން ހުރީ ކްރިޕްޓޯ ކަރެންސީއާ ގުޅޭ ލައިވް ސްޓްރީމެކެވެ.
ނަމަވެސް މިހާރު ޔޫޓިއުބް އިން އެ ޗެނެލް ފެންނަންވެސް ނެތް އިރު، ގޫގްލް އިން ރައީސް އޮފީހުގެ ޔޫޓިއުބް ޗެނެލް (ޕްރެސިޑެންސީ މޯލްޑިވްސް) ސަރޗް ކުރުމުން އަރާފައި އިންނަނީ އެ ޕޭޖަކީ ބޭނުންކުރާ ޕޭޖެއް ނޫން ކަމަށެވެ.

އެ ޗެނެލަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްޤައްޔޫމްގެ ވެރިކަމުން ފެށިގެން މިހާތަނަށް ރާއްޖޭގެ ރައީސުން ބައިވެރިވެވަޑައިގެންނެވި ހަފްލާތަކާއި ރަސްމިއްޔާތުތަކުގެ ލައިވް ވީޑިއޯތަކާއި ދެއްކެވި ވާހަކަފުޅުތައް ވެސް ހިމެނޭ ޔޫޓިއުބް ޗެނެލެކެވެ.
ރައީސް އޮފީހުގެ ޔޫޓިއުބް އެކައުންޓު ހެކު ވުމުގެ ކުރިން ރޭގައި ރައީސް މުޙައްމަދު މުޢިއްޒު މ. މުލީގައި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުން ވެސް ލައިވް ސްޓްރީމް ކޮށްފައިވެއެވެ.




