މ. ކޮޅުފުށީގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ހަތަރު އަތޮޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. ކޮޅުފުއްޓަށް ވަޑައިގެން މިއަދު ޝަރަފުވެރި ކޮށްދެއްވި ރަސްމިއްޔާތުގައެވެ.
ކޮޅުފުށީގައި ފިޓްނެސް ސެންޓަރެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރ، ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީ އާއި ކޮޅުފުށީ ކައުންސިލު މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މުޅިއަކު 1485 މީހުންގެ އާބާދީއެއް ހިމެނޭ ކޮޅުފުށީގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މައިގަނޑު ގޮތެއްގައި ކޮށް އުޅޭ މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަންގިވިނުމުގެ މަސައްކަތެވެ.
އެ ރަށުގައި ފިޓްނެސް ސެންޓަރެއް ގާއިމްވުމަށްފަހު އެ ރަށުގެ ރައްޔިތުންނަށް ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.



