އަނގައި ތެރޭގައި ޑްރަގް ފޮރުވައިގެން ރާއްޖެ އެތެރެވީ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ޏ. ފުވައްމުލައް މިސްކިތްމަގު، އަލިވާ / މުހީން އިބްރާހިމް ދީދީ (35އ.) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އޭނާ ރާއްޖެ އައިިއިރު އޭނާގެ ހަށިގަނޑުން ޓްރެފިކިން މިންގަނޑަށް ފެތޭވަރަށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިގެންކަމަށް ފުލުހުން ބުންޏެވެ.
މުހީންގެ ބަންދުގެ އަމުރުގައިވާ ގޮތުން އޭނާ އެތެރެކުރި ޑްރަގު ބޭރުކުރީ އަނގައިންނެވެ.
ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



