އދ.ގެ މައި މަރުކަޒަށް ވެންނެވުމަށް ބޭނުންވާ ފާސް ހޯދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ރަސްމީކޮށް އެދިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އދ.ގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް މިހާރު އެމެރިކާގައި ހުންނެވި ރައީސް ނަޝީދަށް އެ ޖަމިއްޔާގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ބޭނުންވާ ފާސް ހޯދުމަށް، ދިވެހި ސަރުކާރުން ކުރަން ޖެހޭ މަސައްކަތަށް އިންކާރުކޮށްފައިވާ ކަމަށް ރައީސް ނަޝީދުގެ އޮފީހުން ރޭގައި ވަނީ ބުނެފައެވެ.
އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދަކީ ރާއްޖޭގެ ރައީސްކަން ކުރިން ކުރައްވާފައިވާ ބޭފުޅަކަށްވާތީ، ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ އިއްޒަތް އެ މަނިކުފާނަށް ވެސް އަރުވަމުން އަންނަ ކަމަށެވެ.
އެގޮތުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން، ބޭރުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް އެ ގައުމުތަކުގެ ރަސްމީ އިދާރާތަކާ ގުޅިގެން ފޮރިން މިނިސްޓްރީން މިހާތަނަށް ވެސް ހަމަޖައްސާފައިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކުރިއަށް އޮތް ތަނުގައި ވެސް، ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ހަމަޖައްސަމުން ގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.



