ކުރިއަށް އޮތީ ތަރައްޤީގެ އިތުރު ފުރުޞަތުތައް ލިބޭނެ ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެ މަނިކުފާނު ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މުލަކަތޮޅު ކޮޅުފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، މ. ކޮޅުފުށީގެ ތަރައްޤީއަށްޓަކައި މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށާއި
ކުރިއަށް އޮތީ ތަރައްޤީގެ އިތުރު ފުރުޞަތުތައް ލިބޭނެ ދުވަސްތަކެއް ކަމަށެވެ.
އެގޮތުން އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން، ރައީސް ވަނީ ކޮޅުފުށީގެ ރައްޔިތުންނަށް ދެއްވާފައެވެ.
އަދި އެ ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމުގެ ގޮތުން، ހެލްތު ރޫމާއި، ލައިބްރަރީގެ އިތުރު އެހެން ވަސީލަތްތައް ފުރިހަމަކުރެވިފައިވާ އިމާރާތެއްގެ މަސައްކަތް، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންގޮސްދެއްވާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ ޝުޢޫރާއި ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަމުގައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ އުސޫލުތަކާއި، މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަދާހަމަ، ރައީސް ވަނީ ހިއްސާކުރައްވާފައެވެ.
މިގޮތުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ރަށުގެ ފުޓުބޯޅަދަނޑުގެ އަމަލީ މަސައްކަތާއި ހޭންޑްބޯލް ކޯޓެއްގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާ ކަމަށާ، އެކަމުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ގެންދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ޚިދުމަތްވެސް، 2026 ވަނަ އަހަރުގެ ކުރީކޮޅުގައި މުލަކަތޮޅުގައި ފެށިގެންދާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.



