ތ. ވިލުފުށީގެ ބިންހިއްކުމާއި އެއާޕޯޓްގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިޔުން މޯލްޑިވްލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފިއެވެ.
އެމްއޭސީއެލްއާ އެ މަސައްކަތް ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ހަތަރު އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ވިލުފުއްޓަށްް ވަޑައިގެންނެވެ.
މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމަށް މިއަދު ވިލުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދުއެވެ.
ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށްޓަކައި ސަރުކާރުން ގެންދަނީ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި ވިލުފުށީގެ ތަަރައްގީއަށް ވެސް އެކި މަޝްރޫއު ފައްޓަވާދެއްވާފައިވެއެވެ.
އޭގެތެރޭގައި އެ ރަށުގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފެށުން އަދި ޕާސްޕޯޓުގެ ހިދުމަތް ފައްޓަވައިދެއްވުން ހިމެނެއެވެ.


