އަޅުގަނޑުމެންގެ ދަރީންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މީގެ 899 އަހަރު ކުރިން އިސްލާމްދީން ގަބޫލުކުރުމުގައި ދިވެހީން ދައްކުވައިދިނީ، ކިޔަމަންތެރިކަމާއި ސުލްހަވެރިކަމާއި ބަދަހިކަމާއެކު އެންމެން އެކީ ހެޔޮގޮތް ޚިޔާރުކުރުމުގެ ރީތި ނަމޫނާ ކަމަށެވެ. އަދި އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަން މި ގައުމުގައި ދެމިއޮތީ، ދިވެހިންނަކީ ހައްގުގެ މަގުގައި ތިބި އެއްބައިވަންތަ ބަޔަކަށް ވާތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”މާތްވެގެންވާ އިސްލާމްދީނާއި ދިވެހީންގެ އަމިއްލަވަންތަ ރީތި ސިފަތަކަކީ މާދަމާ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދަރީންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކަ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެހެންވެ، މި އަގުހުރި ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަތިވެރި ނަސީބު ހުރިހާ ޒަމާނެއްގައި ދިވެހީންނަށް ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާވަނީ ހެޔޮ ދުޢާ ކުރައްވާފައެވެ.




