ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގެ މަގުތަކުގައި އިތުރު ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މިއީ، ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، އެކްސިޑެންޓްތައް ހިނގުން މަދުކުރުމާއި، ހުޅުމާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުގެނައުމަށް އެޗްޑީސީން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
އެ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގެ އެކި މަގުތަކުގެ 88 ސަރަހައްދެއްގައި ސްޕީޑް ބަމްޕް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އެގޮތުން، މިވަގުތު އެ މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ފޭސް 2 ގެ ނިރޮޅުމަގު ސަރަހައްދުގައި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު، ބައެއް ސަރަހައްދުތަކުގައި ވައްބުރު (ރައުންޑެބައުޓްސް) ގާއިމްކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ މަސައްކަތް އެޗްޑީސީން ފެށީ މިދިޔަ އަހަރުއެވެ.
މިހާރު ކުރިއަށްދާ ސްޕީޑް ބަމްޕުތައް ގާއިމްކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުން މަދުވެ، ވެހިކަލްތަކާއި، ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެއެވެ.
މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށެވެ.



