ކަނޑޫދޫ ވިޔަފާރިވެރިން މިރުސްވިއްކާ އަގުގައި ގަނެގެން އެސްޓީއޯ މެދުވެރިކޮށް ބާޒާރަށް މިރުސް ނެރެން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ކަނޑޫދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީ ނަމަވެސް އެކަން ސަރުކާރުން ކުރަމުންގެންދާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާގޮތަށް ކަމަށެވެ.
ކަނޑޫދޫއަކީ ރާއްޖޭގެ ދަނޑުވެރިކަމުގައި މިރުސް ހެއްދުމަށް މުހިއްމު ރަށެއްކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ ކަނޑޫދޫ ވިޔަފާރިވެރިން މިރުސްވިއްކާ އަގުގައި ގަނެގެން، އެ ފައިދާ ރައްޔިތުންނަށް ލިބޭގޮތަށް އެސްޓީއޯއިން އެކަން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ
އަދި އެ ރަށުގެ ދަނޑުވެރިންނަށް ލިބޭ ފައިދާ އިތުރުކޮށްދިނުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޚަރަދުކުޑަގޮތެއްގައި ކަނޑޫދޫގައި މިރުސް ހެއްދުމަށް މިހާރުހުރި ދަތިތައް ކުޑަކޮށްދެއްވުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާގެ ޓީމެއް ކަނޑޫދޫއަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށެވެ.
ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ މިހާރު ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު، ކުރުމުއްދަތެއްގެ ތެރޭގައި ނިންމުމަށް ސަރުކާރުން މަސައްކަތް ރާވާފައިވާގޮތާއި، އެ މަސައްކަތް ލަސްވަމުންދާ ސަބަބު ސާފުކޮށްދެއްވާފައެވެ.
އެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައްވައިގެން ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ އާއި ޙަވާލުކުރައްވައިގެން ކުރިއަށްގެންދެވުމާމެދު ސަރުކާރުން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ކަނޑޫދޫ ސްކޫލްގެ އުމުރާނީ މަސައްކަތާއި، ހެލްތު ސެންޓަރުގެ މަސައްކަތް އަދި ކުޅިވަރު ކުޅޭދަނޑުތަކާއި ވަސީލަތްތައް ނިންމައި، އިތުރަށް ފުރިހަމަކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް އެ ރަށުގެ ރައްޔިތުންނަށް ދެއްވިއެވެ.
ހުރިހާ ރަށެގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަނޑޫދޫއަށް ލުއިފަސޭހަގޮތެއްގައި ދަތުރުކުރެވޭނެ ގޮތަކަށް، މިރޭ އާރުޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި، ކަނޑޫދޫ ބަނދަރުގައި ވަކި ޖެޓީއެއް ގާއިމުކުރުމުގެ މަޝްރޫޢާއި، ބިންހިއްކުމުގެ މަޝްރޫޢުގެ އިތުރުން ރަށުގެ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.



