މިމަހުގެ 16ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ކައިރީގައި ކުރި މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެންއައިސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ 16ވަނަ ދުވަހު ކުރިއަށްދިޔަ އިހްތިޖާޖު ރޫޅާލުމުގައި ފުލުހުން ހަލާތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި ޤާނޫނާއި ގަވާއިދާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ބުނެ، މީސްމީޑިއާގައި ފުލުހުންގެ މައްޗަށް ތުހުމަތު ކުރަމުންދާ ކަމަށެވެ.
އެހެންކަމުން އެ ކޮމިޝަންގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އެންއައިސީން ބުނެފައިވެއެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާ ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއްގެ މައްސަލައަކާ ގުޅޭ މައުލޫމާތު ކޮމިޝަނަށް ލިބިއްޖެ ހާލަތުގައި އެ މައްސަލަ ބެލުމަކީ އާންމުވެގެންވާ މަސްލަހަތެއް އޮތް ކަމެއްނަމަ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް އެ މައްސަލައެއް ތަހުގީގުކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށް އެ ކޮމިޝަންގެ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
މިމަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ދޮށުގައި ނޫސްވެރިން ކުރި މުޒާހަރާގައި، ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށްބުނާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ވެސް ވަނީ މިމަހު 23ވަނަ ދުވަހު ބުނެފައެވެ.
އެޗްއާރްސީއެމްއިން މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހު މަޖިލިސް ދޮށުގައި ކުރި މުޒާހަރާގައި ކަންހިނގައިދިޔަ ގޮތުގެ މައުލޫމާތު އެއްކޮށް ތަހުގީގުކުރުމުގެ މަސައްކަތާއި، މުޒާހަރާގެ ތެރެއިން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި އެދުވަހު ކުރިއަށްދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހަދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވަނީ މީގެކުރިން ބުނެފައެވެ.



