ތ. ވޭމަންޑޫގައި ވެސް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގެތެރެއިންނެވެ. ޚިދުމަތް ފައްޓަވައިދެއްވީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާނެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16ވަނަ ދުވަހު ވަނީ އިފްތިތާޙް ކުރައްވާފައެވެ.
އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.



