ގަވާއިދާ ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި އެ މީހުންގެ ފައިދާ ނަގާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، އެމީހުން ޓޮލަރޭޓެއް ނުކުރާނެ ކަމަށް ޕޮލިސް ކަމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.
ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ވަގުތުން ޑީޕޯޓްކުރަން ނިންމައި ހާއްސަ އޮޕަރޭޝަނެއް ކަމާބެހޭ އިދާރާތަކުން މި ހަފުތާގައި ވަނީ ފަށައިފައެވެ. މިއީ ސަރުކާރުން ހިންގި ”ކުރަނގި“ އޮޕަރޭޝަނުން ދައްކާފައިވާ، ރާއްޖޭގައި އުޅޭ 178،000 ބިދޭސީން އުޅެނީ ގާނޫނީ އިމުގެ ތެރެއިންތޯ ބެލުމަށް ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގާ އެ އޮޕަރޭޝަން ފެށުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި ސީޕީ ނަވީން ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖެއަށް މީހުން ހިޖުރަކުރުމަކީ ފުލުހުން ޓޮލެރޭޓްކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މީހުންގެ ފައިދާ ނަގާ މީހުން ވެސް ޓޮލެރޭޓްނުކުރާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
”ބޭރުގެ މަސައްކަތްތެރިން ސައްހަ ގޮތުގައި ކުރާ ހިދުމަތް އަޅުގަނޑުމެން ބަލައިގަންނަ ހިނދު، އަޅުގަނޑުމެންގެ ގައުމަށް ގަވައިދާ ހިލާފަށް ވަންނަ ނުވަތަ ގަވައިދާ ހިލާފަށް މަސައްކަތްކުރާ މީހުންނާ މެދު ވަރުގަދައަށް ފިޔަވަޅު އަޅާނަން،“ ސީޕީ ނަވީން ވިދާޅުވިއެވެ.




