ރަށްރަށުގެ އިހްތިސާސްގައި ހިމަނައިދޭ ރަށްރަށް، އެ ރަށުގެ އިހުތިސާސުން ވަކިކޮށް ރިސޯޓު ހަދަން ކުއްޔަށް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެ ރަށުގެ އިހުތިސާސްގައި ވެސް ރަށެއް އޮތްކަން ފާހަގަކުރައްވައިފައެވެ.
ޤާނޫނު އޮންނަގޮތުން އެވެސް ރަށެއްގެ އިޚްތިޞާޞްގައި އޮންނަ ރަށެއް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްގީ ނުކުރެވޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ މިހާރުވެސް އެ ރަށުގައި ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓަލެއް ތަރައްޤީކުރުމުގެ ފުރުސަތު އޮތްކަން ހާމަކުރައްވާފައެވެ.
ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވަނީ އެއްބަސްވުމެއްގެ ދަށުން އެރަށެއްގެ އިހުތިސޯސުގައި ހިމެނޭ ރަށްތަކުން، ވަކި އިންސައްތައެއްގެ ފައިދާއެއް ކައުންސިލުތަކަށް ލިބޭގޮތަށް އޮތުން ކަމަށްވާތީ، ޤާނޫނީގޮތުން އެފަދަ ފުރުޞަތެއް ހޯއްދަވައިދެއްވޭތޯ ބައްލަވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެ މަސައްކަތުގެ ދަށުން އޮމަދޫގެ އިހުތިސޯސުގައި އޮންނަ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ފައިދާ ލިބޭނެގޮތެއް ފެނޭތޯ ބައްލަވަމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ.
އޮމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަކަން ފާހަގަކުރައްވައި، އެކަން ލަސްވާ ސަބަބު އެމަނިކުފާނު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. އެގޮތުން މިހާރު މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން މަސައްކަތް ފަށައިގެން ކުރިއަށް ނުގެންދާނަމަ އެއްބަސްވުން ބާތިލުކޮށްގެން ވިޔަސް، ސަރުކާރުން އެމަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޮމަދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ސްކޫލްގެ މަސައްކަތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމާނެކަމަށާއި، ޞިއްޙީ މަރުކަޒަށް މިއަހަރު އެމްބިއުލާންސެއް ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި އަންނައަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އައު މިސްކިތެއް އަޅުއްވައި، ވޮލީ ކޯޓެއް ތަރައްޤީކޮށްދެއްވައި، ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކޮށްދެއްވައި، ރޭގަނޑު ކުޅެވޭގޮތަށް ދަނޑު ތަރައްޤީކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި، އޮމަދޫ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވަނީ ސޮއިކުރައްވާފައެވެ.



