ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 14 ބޭފުޅަކު އެމަގާމަށް ކުރިމަތިލެއްވިއެވެ.
އެ ބޭފުޅުންގެ ތެރެއިން އިސްގާޒީ މާހިރު އެ މަގާމަށް އައްޔަންކުރަން ޖޭއެސްސީން ނިންމީ މިއަދު ހެނދުނު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައެވެ.
މާހިރު، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރާ ރަސްމިއްޔާތު މިހާރު ކުރިއަށް އެބަދެއެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އިސްގާޒީ މާހިރު އައްޔަންކުރަން ޖޭއެސްސީން މިއަދު ނިންމީ މެމްބަރުންގެ އިއްތިފާގުންނެވެ. އެނގިފައިވާ ގޮތުގައި އިސްގާޒީ މާހިރަކީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅާއެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެންމެ ފުރަތަމަ ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިިނިސްޓަރު މުހައްމަދު ޝަހީދު އައްޔަން ކުރުމަށެވެ. ނަމަވެސް ޝަހީދު އައްޔަން ކުރަން ނިންމުމުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، އޭނާ ވަނީ އެ މަގާމާ ހަވާލުވުމަށް އުޒުރުވެރިވެފަ އެވެ. އެހެންވެކަމުން، އެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލިއެވެ.


