ތ. ކިނބިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ކިނބިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފާމިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަސައްކަތް ފައްޓަވައި ދެއްވީ ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އެމަނިކުފާނާއެކު މި މަސައްކަތް ފައްޓަވާ ދެއްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރައްވަމުންނެވެ. ރަށްރަށުގެ މަގުތައް ތަރައްޤީކުރާނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާގޮތަށް ކަމުގައި ރައީސް މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު ފުރަތަމަ އިސްކަންދެނީ ރަށުގެ އިސް މުއައްސަސާތައް ހުންނަ މަގުތަކާއި ބޮޑަށް ހަލާކުވެފައި ހުންނަ މަގުތައް ތަރައްޤީ ކުރުމަށް ކަމަށާއި މަގުތައް ތަރައްޤީކުރާއިރު ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ ވަޞީލަތްތައް ޤާއިމްކުރާނެ ކަމަށް އާރްޑީސީން ވަނީ ޔަގީންކަން ދީފައެވެ.



