ތ. ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެ މަނިކުފާނު މި ޔަޤީންކަންދެއްވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކިނބިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މި މަޝްރޫޢަކީ މުޅި ތ. އަތޮޅަށް މުހިއްމު ކުރިއެރުންތަކެއް ލިބޭނެ މަޝްރޫޢެއްކަމަށާއި މިއީ ސަރުކާރުން ކުރިއަށްގެންދާ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ މަޝްރޫޢުގެ ދަށުން ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށްވެސް މުހިއްމު ސަރަޙައްދެއްކަމަށް ރައީސް ވިދާޅުވިއެވެ.
”ކިނބިދޫ-ވޭމަންޑޫ ގުޅާލާ، ކޯޒްވޭ މަޝްރޫޢު ކުރިއަށްގެންދާނީ ފަތުރުވެރިކަން ފުޅާކުރެވޭ ގޮތަށް، އެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި، ވާނީ ޑިވެލޮޕަރެއް ހޯދުމަށް ހުޅުވާލާފައި“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށުގެ ހިއްކި ސަރަހައްދުން ގޯތި ދޫކުރުމާއި ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢު ފަދަ ތަރައްޤީގެ މަސައްކަތްތަކާއި ގުޅޭ ލޭންޑް ޔޫޒް ޕްލޭން ހެދުމުގައިވެސް، މި ކޯޒްވޭގުޅުމުން ދެ ރަށަށް އެކަމުގެ ފައިދާ ލިބޭގޮތަށް ރައްޔިތުންގެ މަޝްވަރާއާއިއެކު ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށެވެ.
މީގެ އިތުރުން ކިނބިދޫގެ ތަރައްޤީއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރެއިން ތަޢުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށޭނެކަމުގެ ޔަޤީންކަންދެއްވައި، ކިނބިދޫގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި، ރޭވިފައިވާ މަސައްކަތްތައް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.



