ތ. ދިޔަމިގިއްުޔާއި އެއަތޮޅު މަޑިފުށި އަދި ތ.އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމަށް ނިންމާ އެ މަސައްކަތް ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ހަތަރު އަތޮޅަކަށް ކުރަމުން އަންނަ ދަތުރުުފުޅުގައި ތ. ދިޔަމިގިއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އެގޮތުން މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.
ދިޔަމިގިލީ ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުން އެދުނުގޮތަށް ދިޔަމިގިލިން ފެށިގެން އުފުރިއާ ހަމައަށް އަޅަން ނިންމާފައިވާ ކޯޒްވޭގެ މަސައްކަތް 18 މަސްދުވަސްތެރޭ ނިންމާނެ ކަމަށެވެ.
އަދި އެ ކޯޒްވޭއާ އެކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް އެރަށްތަކަށް ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


