ވިލިމާލޭ ގެއަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ) އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1 ސެންޓްރަލް ޕާކުން ކަމަށެވެ.
ހުޅުމާލެ ފޭސް 1 ގެ ފުލުހުން މިއަދު ހެނދުނު ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 7000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި 100 ޑޮލަރާއި އެކި ގައުމުތަކުގެ ފައިސާގެ އިތުރުން މޯބައިލް ފޯނަކާއި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
“މި ތަކެއްޗަކީ މިއަދު ފަތިހުގެ ވަގުތެއްގައި ވިލިމާލޭ ގެއަކުން އޭނާ ވަގަށް ނަގާފައިވާ ތަކެތިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ“ ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ ވިލިމާލޭ ގެއަކުން ފައިސާތަކަކާއި، މޯބައިލް ފޯނަކާއި އެހެނިހެން ތަކެތި ވަގަށް ނަގާފައިވާ މައްސަލަ މިއަދު ފަތިހު 5:39 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.




