ތ. ގުރައިދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާާ ހިއްސާކުރައްވައިފިއެވެ.
އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާ ކުރައްވާފައި ވަނީ ހަތަރު އަތޮޅަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގުރައިދޫއަށް ވަޑައިގެން އެ ރަށު ރަށްވެހި މާލަމްގައި ގުރައިދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން އަންހެނުންނަށް ޚާއްޞަ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށާއި، ބަނދަރުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށާއި، މިހާރު ބޭނުންކުރާ ރަށުގެ ނެރު، އެހެން ތަނަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ރަށުގެ އިރު އުތުރުފަރާތު ގޮނޑުދޮށް ހިމާޔަތްކޮށްދެއްވުމަށާއި، ރަށުގައި އައި.ޑީ ކާޑު އަދި ޕާސްޕޯޓުގެ ޚިދުމަތް ފައްޓަވައިދެއްވުމަށާއި، ހޮސްޕިޓަލްގެ މަސައްކަތް އަވަސްކޮށްދެއްވައި، ސްކޫލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ.
ސްކޫލްގެ ފަރާތުން ވަނީ، ރަށު ސްކޫލުގައި ވޮކޭޝަނަލް ތަޢުލީމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ރަށުގެ މަސްވެރިންގެ ބައެއް ކަންބޮޑުވުންތައްވެސް ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.


