ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން އަންނަނިކޮށް ރޭ ނިޔާވި ކުރީގެ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފް36އ ގެ ކަށުނަމާދު، މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން އިއުލާނުކޮށްފިއެވެ.
އަދި އެއަށް ފަހު އޭނާ ވަޅުލުން އޮންނާނީ އާ ސަހަރާގަ އެވެ.
އިފްރާހުގެ މޫނު ދެއްކުން ކުރިއަށް ގެންދިޔައީ މިއަދުގެ 10:30 ވަން ދެން އާ ސަހަރާގައެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ހެމޮރެޖިކް ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެގެން އިފްރާހުއަށް އޭޑީކޭގައި ދިޔައީ ފަރުވާ ދެމުންނެވެ.
ސްޓްރޯކުގެ ސަބަބުން ސިކުނޑި އަށް އެޅުނު ލޭތަކުން ބައެއް ނެގިފައިވާއިރު ދުޅަތިރިކުރުމަށް އެ ދުވަހުގެ ހަވީރު އޭނާ ބާއްވާފައި އޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައެވެ.
އަދި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ރޭ އޭނާ ވަނީ ނިޔާވެފައެވެ.
ކުލަބު ވެލެންސިއާ އިން ކެރިއަރު ފެށި އިފްރާހު ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު އަދި ބީޖީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައެވެ.
މީގެ އިތުރުން ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކަށް ވެސް ކުޅުނު އިފްރާ ވަނީ ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. ރާއްޖެއިން 2008 ގެ ސާފް ޗެމްޕިއަންޝިޕް ހޯދި ސްކޮޑުގައި ވެސް އިފްރާހް ހިމެނެއެވެ.



