ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ހިންގި 2.2 ބިލިއަނަށްވުރެ ބޮޑު ޚިޔާނާތް ފަޅާ އަރައިފިއެވެ.
އޮޑިޓް އޮފީހުން ރޭ ވަނީ 2021 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ފެނަކަ ކޯޕަރޭޝަނުގެ އޮޑިޓް ރިޕޯޓު އާންމުކޮށްފައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏަކުން މިހާތަނަށް ކުރި އެންމެ ބޮޑު ވައްކަން ކަން އެ ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ.
އެ ރިޕޯޓުގައި ބުނީ ފެނަކަ ކޯޕަރޭޝަނުގެ މާލީ ހާލަތު 2019 ވަނަ އަހަރުން ފެށިގެން، އަހަރުން އަހަރަށް ގޯސްވެ، ކުންފުނިން އެކި ފަރާތްތަަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި، ދަރަނި އިތުރުވެގެން ގޮސްފައި ވަނީ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާ އާއި ޓެރިފް ލޮސްގެ ގޮތުގައި ދައުލަތުން ދޫކުރާ ފައިސާ އިން ކުންފުނި ހިންގުމަށް ކުރަން ޖެހޭ ހަރަދުތައް ފޫނުބެއްދޭތީ ނޫން ކަމަށެވެ.
“ނަމަވެސް ކުންފުނީގެ މެނޭޖްމަންޓާއި މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރަން ޖެހޭ ފަރާތްތަކުން ރޭވުންތެރިކަމާ ޒިންމާދާރު ކަމެއް ނެތި، ކުންފުނީގެ މާލީ ހާލަތާއި ލިބޭ އާމްދަނީއާ ނުބައްދަލު، އެ ވަގުތަށް މުހިއްމު ނޫން ބޮޑެތި ހަރަދުތައް އެއްފަހަރާ ކުރުމުގެ ސަބަބުން“ އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
އަދި އެއީ އެ ކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ ކަންކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއްގެ ސީދާ ނަތީޖާ ކަމުގައި ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.
އެ ރިޕޯޓުގައިވާ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ފެނަކައިން ހިންގިކަން އޮޑިޓަށް ސާބިތުވާ ޚިޔާނާތް 2.2 ބިލިއަން ރުފިޔާއަށް ވުރެ މަތި ކަމަށް ދައްކައެވެ.
އެމްޑީޕީ ސަރުކާރުގައި ފެނަކައިން 674 އެއްބަސްވުން އެކި ފަރާތްތަކާ މަޝްރޫޢުތައް ހަވާލުކުރުމަށް ކުރިއިރު އޭގެ ތެރޭގައި ގިނައީ ބިޑަކަށް ނުލާ ހަވާލުކުރި މަޝްރޫޢުކަން އެ ރިޕޯޓުން ވަނީ ހާމަވެފައެވެ.
އެ ރިޕޯޓުން އެނގިފައިވާ ގޮތުގައި ހަމައެކަނި ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާގެ ޚިޔާނާތް ހިންގާފައި ވާއިރު ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ޚިޔާނާތް ވަނީ ހިންގާފައެވެ.
ހަމައެހެންމެ ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން ހިންގާފައި ވާއިރު ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ސާބިތުވެފައެވެ.
ރައީސް ޞާލިހްގެ ސަރުކާރުގައި ފެނަކައިން ހިންގި މި ވައްކަން، 1990 ގައި ފަޅާއެރި އެފްޕީއައިޑީއާ 2015 ގައި ފަޅާއެރި އެމްއެމްޕީއާރުސީގެ ވައްކަމަށް ވުރެ މާބޮޑު ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.



