އިނގިރޭސިވިލާތުގެ އޮކްސްފޯޑުން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ދިވެއްސެއްގެ ޝަރަފު ޒުވާން ގާނޫނީ ވަކީލު، އަހްމަދު ޝައްފާން މުހައްމަދު ހޯއްދަވައިފިއެވެ.
ޝައްފާނަކީ މަޝްހޫރު ވިޔަފާރިވެރިޔާ އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގްގެ ދަރިކަލެކެވެ. ފިރާގު ވަނީ ޝައްފާން ހޯއްދެވި ކާމިޔާބީއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޝުކުރު ދަންނަވާފައެވެ.
އޯ ލެވެލް އާއި އޭ ލެވެލްއިން ވެސް ރާއްޖެއިން އެއްވަނަ ހޯއްދަވައިގެން ރައީސްގެ ސްކޮލާޝިޕްގައި ޝައްފާން ވަނީ 2018 ވަނަ އަހަރު ޤާނޫނީ ދާއިރާއިން ޑިގްރީ ހާސިލު ކުރައްވާފައެވެ.
ޑިގްރީ ހާސިލު ކުރެއްވުމަށްފަހު، މާސްޓާސް ފުރިހަމަކޮށް، ހޯއްދެއްވި ކާމިޔަބީއާ އެކު 319 ދަރިވަރުންނާ ވާދަކޮށްގެން އޮކްސްފޯޑް ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރުމުގެ ފުރުސަތު ޝައްފާންއަށް ލިބިވަޑައިގެންނެވީ އޮކްޓޯބަރު 2020ގައެވެ. އޮކްސްފޯޑުން އޭނާ ޕީއެޗްޑީ ހާސިލު ކުރައްވާ ގްރެޖުއޭޓުވީ އިއްޔެއެވެ.
ޝައްފާނަކީ މިހާރުވެސް ރާއްޖޭގައި ލޯ ފަރމެއް ހިންގަވަމުންދާ ޤާނޫނީ ވަކީލެކެވެ. އޭނާ ޕީއެޗްޑީ ތީސެސް ހެއްދެވީ، ކޮޕީ ރައިޓާ ގުޅުން ހުރި ޖިނާއީ މާއްދާތަކާ ގުޅޭ ދާއިރާއިންނެވެ.


