މިހާރު ފެންމަތިވެފައިވާ، ކުރީ ސަރުކާރުން ފެނަކައިން ހިންގާފައިވާ ބޮޑު ޚިޔާނާތުގައި، އެ ކުންފުނިން ރަށްރަށުގައި ހިންގި މަޝްރޫއުތަކަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ކުންފުނީގެ މުވައްޒަފުންގެ އެކައުންޓުތަކަށް ފޮނުވި އަދި ނަގުދު ފައިސާގެ ގޮތުގައި ހަވާލުކުރި އަދަދު 26 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ކުރީ ސަރުކާރުން ފެނަކަ ހިންގިއިރު، 2021 ވަނަ އަހަރުން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެކަނައިން މަޝްރޫއުތަކާ ގުޅުން ހުރި ހަރަދުތައް ކުރުމުގެ ނަމުގައި 26 މިލިއަން ރުފިޔާ އެކައުންޓްތަކަށް ޖަމާކުރި އެވެ. އެ ފައިސާގެ ތެރެއިން 21 މިލިއަން ޖަމާކޮށްފައިވަނީ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ނަގާފައިވާކަން ފާހަގަވެއެވެ.
އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި، މީގެ ތެރެއިން ގިނަ ފައިސާ ޖަމާކޮށްފައިވަނީ ރަށްރަށުގައި ޕްރޮޖެކްޓްތައް ހިންގުމަށް ވަގުތީ ގޮތުން ނަގާފައިވާ ޕްރޮޖެކްޓް މެނޭޖަރުންގެ އެކައުންޓްތަކަށް ޕެޓީ ކޭޝްގެ ގޮތުގައެވެ.
އޮޑިޓް އޮފީހުން ބުނީ ޕެޓީ ކޭޝް ފައިސާ ރީއިމްބާސް ކުރަން ހުށަހަޅާ ރިޕޯޓުގައި ހިމެނޭ ހަރަދަކީ ކުންފުނީގެ ބޭނުމަށް ކޮށްފައިވާ ހަރަދުކަން ކަށަވަރު ކުރެވޭނެ އިންތިޒާމެއް ނެތް ކަމަށެވެ.
އެހެންވެ، ޕެޓީ ކޭޝް އިން ކުރާ ހަރަދަކީ ކުންފުނީގެ ބޭނުމަށް ކުރި ހަރަދެއްކަން ނޭނގޭ ކަމަށާއި އެ ފައިސާއިން ކުންފުނީގެ ބޭނުންތައް ނޫން އެހެން ބޭނުމަކަށް ހަރަދު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް އޮޑިޓް އޮފީހުން ބުނެފައިވެއެވެ.




