ރާއްޖެ އެތެރެވީއިރު ދިވެއްސެއްގެ އަނގައިން މަސްތުވާތަކެތި ފެނިގެން މިދިޔަ ހޯމަ ދުވަހު ބަންދަށް ފަސް ދުވަސް ޖެހި މީހާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ބަންދުކޮށްފައިވަނީ ފުވައްމުލައް، މިސްކިތްމަގު، އަލިވާ / މުހީން އިބްރާހިމް ދީދީ (35އ.) އެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތާއެކު އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ ފަސް ދުވަހެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ރާއްޖެއައީ މިދިޔަ އާދިއްތަ ދުވަހެވެ. އޭނާގެ ހަށިގަނޑުން ޓްރެފިކިން މިންގަނޑަށް ފެތޭވަރަށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނުނުކަމަށް ވެސް ފުލުހުން ބުންޏެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ މަސްތުވާތަކެތި ބޭރުކުރީ އަނގައިންނެވެ.
ފަސް ދުވަހުގެ ބަންދު މުއްދަތު ހަމަވެގެން އަލުން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖެހީ މިއަދެވެ. ބަންދު އަމުރުގައިވާ ގޮތުން އަނގަ ތެރޭ ފޮރުވައިގެން ގެނައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. ނަމަވެސް މިއީ ނިސްބަތުން ބަރުދަން ލުއި މަސްތުވާތަކެތިކަމަށް އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.
އެއާއެކު ވެސް އޭނާގެ ބަންދަށް 30 ދުވަހަށް ޖަހައިފައިވަނީ މިއީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށް ޓަކައި، ޓެސްޓަކަށް ކުރި ކަމެއްކަމަށް ބެލެވޭ ކަމަށް ބުނެއެ ވެ.



