ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބިނާވެފައިވާ އިރު، އެކަމުގެ ފައިދާ އެންމެންނަށް ލިބޭކަން ކަށަވަރުވާ ގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރާ ”ވޯލްޑް ޓޫރިޒަމް ޑޭ“ އާ ގުޅިގެން މިނިސްޓަރ މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަކީ ގެއްލުންތައް ކުޑަ، އަދި ލިބޭ ގެއްލުންތަކަށް އަވަހަށް އަރައިގަންނަ، ދެމެހެއްޓެނިވި ދާއިރާއަކަށް ވެސް ހަދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
”ޓޫރިޒަމް ދާއިރާ އަކީ ރާއްޖޭގެ އިޖުތިމާއީ އިގުތިސާދީ ކުރިއެރުމާ ވަރަށް ބޮޑަށް ގުޅުފައި އޮތް ކަމެއް، އެހެންވެ މިއީ ދެމެހެއްޓެނިވި ކަމަކަށް ހެދުން ވަރަށް މުހިއްމު“ ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
މި އަހަރުގެ ވޯލްޑް ޓޫރިޒަމް ޑޭގެ ޝިއާރަ އަކީ ”ޓޫރިޒަމް އެންޑް ސަސްޓެއިނަބަލް ޓްރާންސްފޮމޭޝަން“ އެވެ.
ރާއްޖެ އަށް ޓޫރިޒަމް ތައާރަފުވީ 1972 ގަ އެވެ. އަދި މިހާރު ރާއްޖެ ހިމެނެނީ އެ ދާއިރާ އިން ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަންޒިލުގެ ތެރޭގަ އެވެ.




