ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް މާކެޓްކުރުމުގެ ގޮތުން ”އެކްސްޕީރިއެންސް މޯލްޑިވްސް“ގެ ނަމުގައި ފަތުރުވެރިކަމުގެ ކެމްޕޭނެއް މިރޭ ފަށައިފިއެވެ.
މި ކެމްޕެއިނު އެންޑޯޒްކުރީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަދި ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ގުޅިގެންނެވެ.
މުޅިއަކު ދެ އަހަރު ދުވަހަށް ހިންގާ މި ކެމްޕެއިނުގެ ދަށުން ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ކާޑުގެ މެމްބަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ހާއްސަ އޮފާތަކެއް ލިބޭނެއެވެ.
މީގެއިތުރުން ސްޕާ ޓްރީޓްމަންޓް، ބީޗު ޑައިނިން އާއި މޫދު ކުޅިވަރު ހަރަކާތްތަކާއި ފްލޯޓިން ބްރޭކްފާސްޓާއި ރޫމް އަޕްގްރޭޑްގެ އިތުރުން ލޯކަލް އެޑްވެންޗާ ފަދަ ތަޖުރިބާތައް ވެސް ފަސޭހަކަމާ އެކު ލިބޭނެއެވެ.
މިރޭގެ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި ކެމްޕޭނުން ރާއްޖެއަށް ޒިޔާރަތްކުރާ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފާތަކަކާ އެކު ރާއްޖޭގެ ރީތި މަންޒިލްތަކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ.
”މި ކެމްޕޭނުގެ ސަބަބުން ލަގްޒަރީ ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ވަރުގަދަވެގެންދާނެ. ހަމަ އެހެންމެ މި ކެމްޕޭނުގައި ބައިވެރިވާ މާޗަންޓުންނާ އެކު، ރާއްޖެއަކީ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި މާކެޓްކުރެވުގެންދާނެ“ ބީއެމްއެލްގެ އެމްޑީ ޝަރީފު ވިދާޅުވިއެވެ.



