ބާޒާރުމަތީގައި ހުންނަ ”ލިލީ އެފްއެންބީ ސަޕްލައި ބާޒާރު 1“ ފިހާރައިގައި ރޭ ދަންވަރު އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ލިލީގެ އެ ފިހާރައަކީ ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކޮށް، ހޯލް ސޭލް އަދި ރީޓެއިލްކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ފިހާރައެކެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި، އެ ފިހާރާގައި ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ 1:00 ހާއިރެވެ.
އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސަސްއިން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ދަންވަރު 2:30 ހާއިރެވެ.
މީގެއިތުރުން، އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަފައިޓަރަކު ހާލު ދެރަވެގެން ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމަށާއި މި ހާދިސާގައި އިތުރު މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ނެތް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިން ބުނީ އަލިފާން ރޯވި ތަނުގައި ހުރި ގިނަ އަދަދެއްގެ މުދާ އަނދާފައިވާ ކަމަށެވެ. އަދި އެތަނުގެ ފުރާޅުން ވެސް ބައެއް ވެއްޓި ގެއްލުން ވެފައިވާ ކަމަށް ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި އެނގިފައެއް ނުވެއެވެ.



