ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ އުސޫލުގެ ތެރެއިން ކަމަށާއި ފެނަކައިގެ އޮޑިޓް ރިޕޯޓު ގޯސް ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވެފައިވަނީ، ކުރީ ސަރުކާރުގައި ފެނަކައިން ބޮޑު ޚިޔާނާތެއް ހަދާފައިވާކަން ހާމަވާ އޮޑިޓް ރިޕޯޓެއް މިހާރު ފެންމަތިވުމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ.
ފެނަކައާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ޚާއްސަ އޮޑިޓް ރިޕޯޓުގައި ވަނީ 2021 އިން 2023 އަށް ހިނގާފައިވާ 2.2 ބިލިއަން ރުފިޔާގެ މައްސަލަ ފެންމަތިކޮށްފައެވެ. އޭރު އުސޫލުން ބޭރުން ގިނަ ކަންތައްތަކެއްކޮށް، އެކިއެކި ސިޔާސީ ފަރާތްތަކަށް ނާޖާއިޒު މަންފާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅޭގޮތުން ސައީދު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، މަގާމާ ހަވާލުވި ދުވަހުން ފެށިގެން މަގާމުން ވަކިވަންދެން ފެނަކައިގެ ބޭނުމަށް ހިންގި އެންމެހާ ޕްރޮކިއުމަންޓް މުއާމަލާތްތައް ހިންގާފައިވާނީ އެ ކުންފުނީގެ އެންމެހާ ގަވާއިދުތަކާއި އުސޫލުގެ ތެރެއިން ބޯޑުން އެކުލަވާލާފައިވާ އިދާރީ އޮނިގަނޑުގެ ވެސް ތެރެއިން ކަމަށެވެ.
”މި ދެންނެވި ގޮތާ ޚިލާފަށް އެއްވެސް ބަޔަކަށް މުދަލެއް، ޚިދުމަތެއް، ކޮންޓްރެކްޓެއް، އަދި ޕްރޮޖެކްޓެއްވިޔަސް ދީފައިނުވާނެކަމުގެ ފުރިހަމަ ޔަގީންކަންދެން“ ސައީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ފެނަކައިގެ ކުރީގެ އެމްޑީ ވިދާޅުވީ، އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައިނުވާނެ ކަމަށާއި ނުހައްގު އެއްވެސް މަންފާއެއް ވެސް ހޯދާފައިނުވާނެ ކަމަށެވެ.
އެހެންކަމުން، އެއްވެސް މައްސަލައެއް ވާނަމަ، ”އިންސާފުވެރިކަމާ އެކު، ދެފުށް ފެންނަ ގޮތެއްގެ މަތިން، ސިޔާސީ ކުލައެއް ނުޖެހި“ ބަލަން އޭނާ ވަނީ ގޮވާލައްވާފައެވެ. އެފަދަ ތަހުގީގަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.



