ފައިސާއަށް ރާއްޖެއިން ބޭރުން މަސްތުވާތަކެތި އެތެރެކޮށްދޭ ކަމަށް ބުނި މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށް، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައިވާ ގޮތުގައި، ހ. ސެމޯއާ، އިސްމާއިލް ނައުފަލް މަސްތުވާތަކެއްޗާ އެކު ޑިސެމްބަރު 18، 2023 ގައި ހައްޔަރުކުރީ އަހަރެއްގެ ތެރޭގައި ރާއްޖޭން ބޭރަށް ކުރި 14 ވަނަ ދަތުރަށް ފަހު މެލޭޝިއާ އިން ރާއްޖެ އައި ވަގުތުގައެވެ.
އެ ހުކުމުގައި ބުނެފައިވާ ގޮތުގައި، ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު އެލާޓަކާ ގުޅިގެން ނައުފަލްގެ ލަގެޖް ފާސްކުރި އިރު 994 ގްރާމްގެ މެޓަމްފެޓަމިން ރެސިމެޓް (މެތު) ފެނިފައިވެއެވެ.
މަސްތުވާތަކެތި ފެނިގެން ސުވާލުކުރުމުން ނައުފަލް ފުރަތަމަ ބުނެފައިވަނީ އެއީ އާ ފޮއްޓެއް ކަމަށާއި އެހެންވެ، މެލޭޝިއާ އިން ފޮށި ގަތް އިރު ވެސް ފޮށީގައި އޮތް އެއްޗެއް ހުރުން އެކަށީގެންވާ ކަމަށެވެ. ހުކުމުގައިވާ ގޮތުން، ފެނުނު މަސްތުވާތަކެއްޗާ ބެހޭ ގޮތުން އޭނާ ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންނަށް އެކި ފަހަރު އެކި ގޮތަށް ކިޔައިދީފައިވާކަން ފާހަގަ ކޮށްފައިވެއެވެ.
އެގޮތުން އޭނާ ވަނީ، މި ތަކެއްޗަކީ ނައުފަލްގެ ބޭބެ ބުނެގެން ގެނައި އެއްޗެއް ކަމަށް ވެސް ކުރިން ބުނެފައެވެ. ނަމަވެސް އޭނާގެ ބޭބެ ހެކިބަސް ދެމުން ބުނެފައިވަނީ އެއްޗެއް ގެންނަން ބުނެފައި ނުވާނެ ކަމަށާއި ނައުފަލް މެލޭޝިއާ އަށް ދިޔަކަން ވެސް އަދި އައިކަން ވެސް ނޭނގޭ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް އިއްވެވި ހުކުމުގައިވާ ގޮތުން، ނައުފަލްގެ ފޯނުން ފެނުނު ފޮޓޯތަކުގެ ތެރޭގައި ފޮށިން ފެނުނު މަސްތުވާތަކެތީގެ ފޮޓޯތަކެއް ހުއްޓެވެ. އެހެންކަމުން ފޮށީގައި މަސްތުވާތަކެތި ހުރި ކަމާއި މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގެ ނިޔަތް އޮތްކަން ސާބިތުވާ ކަމަށް ބުނެފައިވެއެވެ.




