އދ.މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިހާރު ކުރަމުންދާ މަސައްކަތްތަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
”އެކްސް“ ގައި ކުރި ޕޯސްޓެއްގައި އާރްޑީސީން ބުނެފައިވަނީ، މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 2 ވަނަ ފިޔަވަހީގެ ދަށުން މިވަގުތު ކުރިއަށް ދަނީ ތައުލީމީ ހިނގުމުގައި ސްޓޯރމް ވޯޓަރ ހޮޅި އެޅުމަށް މަގު ކޮނުމުގެ މަސައްކަތާއި ވިކްޓަރީ ގޯޅީގައި ކޭބަލް ހޮޅި އެޅުމަށް މަގު ކޮނުމުގެ މަސައްކަތް ކަމަށެވެ.
ޑިޒައިން އެންޑް ބިލްޑް ގެ އުސޫލުގެ ދަށުން، މަހިބަދޫ ފޭސް 02 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައެވެ.
މި މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގައެވެ.
އާރްޑީސީއާ މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 420 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މިއީ 42،765،652.08 ރުފިޔާގެ މަޝްރޫޢު އެކެވެ.



