ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތު މިނިސްޓްރީން ކުރިއަށްގެންދިޔަ ސޮފްޓް މޭކަޕް އާއި ކޮރިއަން ސްކިންކެއަރ އާ ބެހޭ ޚާއްސަ ވޯކްޝޮޕެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ ތިން ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ޖުމްލަ 11 ޒުވާނުން ބައިވެރިވެފައިވާ ކަމަށެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ވޯކްޝޮޕްގައި، ދާއިރާގެ އިސް ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން، ސޮފްޓް މޭކަޕްގެ އެކި އުކުޅުތައް އެ ބައިވެރިން ދަސްކޮށްފައިވާ ކަމަށެވެ.
“މީގެ އިތުރުން ދުނިޔޭގައި ވަރަށް މަގުބޫލުކަން ހޯދާފައިވާ ކޮރިއަން ސްކިންކެއަރގެ މައްޗަށް ތަފްސީލީ މައުލޫމާތާއި، އުކުޅުތައް ވެސް ވަނީ ދަސްކޮށްދީފައި“ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 24، 25 އަދި 27 ވަނަ ދުވަހުއެވެ.
މި ވޯކްޝޮޕްގައި ބައިވެރިވެފައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކެވެ.
މި ވޯކްޝޮޕް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.




