ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޯސީސީ ފިހާރައިގައި މަސައްކަތް ކުރާ ބިދޭސީ އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓު އިއްޔެ މެންދުރު 12:45 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހަމަލާގައި ޒަހަމްވެފައިވަނީ އޯސީސީ ފިހާރައިގައި މަސައްކަތް ކުރާ، ނޭޕާލަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެނެކެވެ.
މި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގީރް މިއާ (25އ.) އިއްޔެ ހަވީރުގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ ސީސީޓީވީ ފުޓޭޖް ބަލައިގެންނާއި އެހެނިހެން ގޮތްގޮތުން ތަހުގީގުން ކުރި މަސައްކަތުން އެމީހާ ދެނެގަނެ، ލޮކޭޓް ކޮށްގެން ކަމަށާއި އޭނާ ހައްޔަރު ކުރީ ހުޅުމާލޭ ފޭސް 2 އިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިއަދު ބުނީ، ޖަހަންގީރްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.



