ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކޯޓުން ދެންމެ ނިންމާ، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ސައީދު ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
ސައީދުގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާ ކުރީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދާދި ދެންމެއަކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ހަތަރު އަހަރު ދުވަހަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައި ކަމަށެވެ.
މިއީ ޖިނާއަތުގެ 4ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، މި ދަރަޖައިގެ ކުށުގެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށްލުން ކަމުގައިވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ސައީދަށް ހުކުމްކުރި އިރު ފެނަކައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ހާމަވެފައެވެ. އެކަމަކު އޭނާ ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ މިއަދު ހެނދުނު ބަޔާނެއް ނެރުއްވައިފައެވެ.
ސައީދުގެ މައްޗަށް ތުހުމަތުވާ ބައެއް މައްސަލަތައް އޭސީސީގައި މިހާރު ވެސް ކުރިއަށްދެއެވެ.




