ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ށ. ފޭދޫ ކައުންސިލްގެ ކުރީގެ ރައީސް އޭނާގެ އަނބިމީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭގައި ބުނެފައިވަނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 24ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެރަށުގެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 2 ކަރުދާސް ކޮތަޅާއެކު ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި މަސްތުވާތަކެތި ވިއްކައިގެން ހޯދިކަމަށް ބެލެވޭ ފައިސާ ވެސް އެގެއިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ ށ. ފޭދޫ ކައުންސިލުގެ ކުރީގެ ރައީސް އެރަށު ސައިމާގެ މުޙައްމަދު މުސްތަފާ އާއި އޭނާގެ އަނބިމީހާ ފާތިމަތު ނާއިލާ އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުސްތަފާ 15 ދުވަހަށް ބަންދު ކުރުމަށް އަދި ނާއިލާ 7 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ނިންމިއެވެ. ނަމަވެސް ނާއިލާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ މިހާރު ވަނީ ދޫކޮށްލާފައެވެ.



