ހުޅުމާލޭގެ ސޯޝަލް، ލޭންޑްސްކޭޕް، އަދި ޓްރާންސްޕޯޓާ ގުޅޭ މާސްޓަރޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް ”ހިޔާލުން ހުޅުމާލެ“ ގެ ނަމުގައި ފޯރަމެއް ބާއްވަން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
މިއީ، ހުޅުމާލޭގެ ތަރައްގީގައި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުކޮށް، ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މާސްޓަރޕްލޭންތައް ބައްޓަންކުރުމަށް ކުރިއަށްގެންދާ ފޯރަމެކެވެ. އަދި ހުޅުމާލޭގެ ދުރު ރާސްތާ މަގުޗާޓަށް ހުޅުމާލޭގެ ރައްޔިތުން ހޭލުންތެރިކޮށް، ހުޅުމާލޭގެ ތަރައްގީއާ ގުޅޭގޮތުން އާންމުންނާ މައުލޫމާތު ހިއްސާކުރުމަކީވެސް މި ފޯރަމްގެ އަމާޒެއް ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ.
އެގޮތުން، މި ފޯރަމްގައި ހުޅުމާލޭގެ ކޮމިއުނިޓީ ބައްޓަންކުރަންވީ ގޮތާއި (ސޯޝަލް ޕްލޭން)، ހުޅުމާލެތެރޭގެ ދަތުރުފަތުރުތައް (ޓްރާންސްޕޯޓް ޕްލޭން) ބައްޓަންކުރަންވީ ގޮތުގެ އިތުރުން، ހުޅުމާލެ ފެހިކުރުން (ލޭންޑްސްކޭޕް ޕްލޭން)އާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދާނެއެވެ.

ހިޔާލު ހޯދުމުގެ މި ފޯރަމްތައް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 13 އިން ފެށިގެން 15 ވަނަ ދުވަހަށެވެ. މި ފޯރަމްގައިއޮންލައިންކޮށް ރަޖިސްޓަރ ކުރުމަށް އެޗްޑީސީން މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 07 އޮކްޓޯބަރު 2025 ވާ އަންގާރަ ދުވަހެވެ.



