ޕާސްޕޯޓު ހެއްދުމަށްފަހު، ނުނަގައި ގިނަ ދުވަސް ވެފައިވާ ޕާސްޕޯޓުތައް، 31 ޑިސެމްބަރުގެ ފަހުން ކެންސަލް ކުރާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްްގައި ވަނީ ދިވެހި ޕާސްޕޯޓު ހެއްދުމަށްފަހު، ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަދުވަސް ވަމުންދާކަން ފާހަގަކޮށް އެފަދަ ފަރާތްތަކުން ވީއެންމެ އަވަހަށް ޕާސްޕޯޓާ ހަވާލުވުމަށް އެދިފައެވެ.
އެގޮތުން ޕާސްޕޯޓު ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ 6 މަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ފަރާތް ތަކުން މި އަހަރުގެ ޑިސެމްބަރު 31ވަނަ ދުވަހުގެ ކުރިން ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
“އެ މުއްދަތުގެ ފަހުން މި ޕާސްޕޯޓުތައް، ޕާސްޕޯޓާބެހޭ ޤަވައިދުގެ 19ވަނަ މާއްދާގައި ވާގޮތުގެ މަތިން ކެންސަލް ކުރެވޭނެ“ އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ޕާސްޕޯޓާ ހަވާލުނުވެ، 6 މަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ފަރާތް ތަކުން ޑިސެމްބަރު 31ވަނަ ދުވަހުގެ ކުރިން، ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން މުއްދަތު ދިނުމަށްފަހު އެ ތާރީޚަށްފަހު ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް ކެންސަލް ކުރެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.




