ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މިހާރު ގަތަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ ދޯހާއަށް ވަޑައިގެން އިންޓަރޕޯލް އެގްޒެކެޓިވް ކޮމިޓީގެ އޭޝިއާ ސަރަހައްދުގެ ޑެލިގޭޓު އަދި ހެޑް އޮފް އެންސީބީ ދޯހާ ޢަލީ މުޙައްމަދު އަލް ޢަލީއާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ގަތަރު ފުލުހުންގެ ފަރާތުން ފޯރުކޮއްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންނާއި، އިންޓަރޕޯލުން ދިވެހި ފުލުހުންގެ އިދާރާއަށް ފޯރުކޮށްދެމުން ގެންދާ އެހީތެރިކަން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައި ވެއެވެ.
އެގޮތުން އިންޓަރޕޯލް ގްލޯބަލް އެކަޑަމީ ނެޓްވޯކްގައި ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމެންޓް ބައިވެރި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމެންޓުން ހިންގާ ޕްރޮގްރާމްތަކުގައި އިންޓަރޕޯލްގެ މެމްބަރު ގައުމުތަކުގެ ކަމާ ގުޅޭ އިދާރާތަކަށް ފުރުސަތު ހުޅުވާލުމާއި، މެމްބަރު ގައުމުތަކުން ބޭނުންވާ ޕްރޮގްރާމްތައް އިންޓަރޕޯލްއާ ގުޅިގެން ފަރުމާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެެވެ.
މި ބައްދަލުވުމުގައި ހެޑް އޮފް އެންސީބީ ދޯހާ ޢަލީ މުޙައްމަދު އަލް ޢަލީ ވަނީ، ގަތަރު ފުލުހުންގެ ފަރާތުން ދިވެހި ފުލުންގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮއްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ތަޖުރިބާ ހިއްސާކުރުމުގެ ޕްރޮގްރާމްތަކުން ދިވެހި ފުލުހުންނަށް ފުރުސަތު ދެއްވާނެކަމަށް ވިދާޅުވެ އެ ޕްރޮގްރާމްތަކުގެ ތަފްސީލު ހިއްސާ ކުރައްވާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ބައްދަލުވުމުގެ ތެރެއިން، ކުއްލި ހާލަތުގައި ގަތަރުގެ ކަމާގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރާ ގޮތާއި، ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ބޮޑެތި ކުޅިވަރު އިވެންޓުތަކުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ ނިޒާމުކަމުގައިވާ ކިއު 360 ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު އަދި ތަޖުރިބާ ގަތަރު ފުލުހުންގެ ފަރާތުން ހިއްސާކުރައްްވައި، އެފަދަ ނިޒާމްތައް އެހެން ގައުމުތަކުގައި ގާއިމުކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.
މިބައްދަލުވުމުގައި ހެޑް އޮފް އެންސީބީ ދޯހާ ޢަލީ މުޙައްމަދު އަލް ޢަލީ ވަނީ ދެ ޤައުމުގެ ފުލުހުންގެ އިދާރާގެ މެދުގައި އޮތް ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެ މިހާރުވެސް ބާއްވަމުންދާ ގާތްކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.



