އދ. ކުނބުރުދޫގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ތަރައްގީކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ އަދާހަމައެއް މިއަދު އެ ކޯޕަރޭޝަނުން ދީފިއެވެ.
މިއީ އާރްޑީސީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
އެގޮތުން އާރްޑީސީން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަންގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އދ. ކުނބުރުދޫގައި ޤާއިމްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތްތަކުގެ ތެރެއިން މިވަގުތު ކުރިއަށް ދަނީ ފައުންޑޭޝަން ޝަޓަރިންގ އަދި ކޮލަމް ސެޓް ކުރުމުގެ މަސައްކަތް ކަމަށެވެ.
ކުނބުރުދޫގައި ގާއިމު ކުރާ ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އާރްޑީސީން ވަނީ މިދިޔަ އޮގަސްޓް މަހުގެ 18ވަނަ ދުވަހު އެ ރަށަށް ފޮނުވާފައެވެ.
ކުނބުރުދޫގައި ޕޮލިސް ޕޯސްޓެއް އިމާރާތް ކުރުމުގެ އިތުރުން އާރްޑީސީން ވަނީ އެރަށުގެ ފުޓްބޯޅަ ދަނޑު އިތުރަށް ބޮޑުކޮށް، ނުނިމިހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތް ވެސް ފަށާފައެވެ.
މި މަސައްކަތް އާރްޑީސީން ފެށީ މިއަހަރުގެ އޭޕްރިލް މަހުގައެވެ.




